ދިވެހިރާއްޖެ އަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad
rt

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ރައީސަކު ބޭއްވެވި މިފަދަ ފުރަތަ ޖަލްސާގަައި ދެއްވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ދިވެހި ސިފައިންނާއި ފުލުހުންނަށް ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމާ ބައެއް ފަރާތްތަކުން ސުވާލުއުފައްދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށްކަމަށެވެ. މިގޮތުން ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ޤައުމުގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ތަކުރާރުކޮށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުގައި ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހެއެވެ. އަދި އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ޤައުމަކާއިވެސް އެކުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ބަޔަކުއައިސް ދިވެހި ޤައުމުގެ ކަންކަމާއި ޙަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ޤައުމެއްކަމަށާ މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ޤައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ޚިދުމަތްތަކުން ކުރެއްވި މަސައްކަތް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.