ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. ޅޮއްސަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް މާ ލަހެއް ނުވެ ފަށައި ނިންމަވައިދެއްވާނެ ކަމަށެވެ.
ރައީސް މުޢިއްޒު ޅޮއްސަށް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ ތަރައްޤީއަށް މުހިއްމު ގިނަ ކަންކަން ހާމަކުރެއްވިއެވެ. މިގޮތުން، ރަށުގެ ބަނދަރު ހުރިހާ މޫސުމެއްގައި ބޭނުންކުރެވޭނެ ދިގު މުއްދަތުގެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޅޮހީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ދެވޭގޮތަށް ޢިމާރާތް އެޅުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަތެވެ.
ޅޮހީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ވަސީލަތްތައް ފުރިހަމަ ޢިމާރާތެއް އެޅުމުގެ މަޝްރޫޢު އަންނަ އަހަރު ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ކުޅިވަރުގެ ދާއިރާއިންވެސް ޅޮއްސަށް ގިނަ ތަރައްޤީއެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ރަށުގެ ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯރ ޖިމް އިފްތިތާޙުކުރައްވާފައެވެ. އަދި ފުޓްބޯޅަ ދަނޑުގައި ބޮކިޖަހައި ރޭގަނޑު ކުޅެވޭނެގޮތަށް، ވޮލީކޯޓެއްވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ ޅޮހީގެ ތަރައްޤީއަށް ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ޅޮއްސަކީ ނ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!