ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 9 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އިތުރު މީހެއްގެ ގައިން ހިމަބިހި ފެނިފައި މިވަނީ ހިމަބިއްސަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ހަފްތާއަކަށްވުރެ ދުވަސްވެފައި ވަނިކޮށެވެ. އެންމެ ފަހުން ހިމަބިއްސަށް މީހަކު ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެއާއެކު އެ ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ހިމަބިހި ނުވަތަ މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.
ހިމަބިހިން ދިވެހިން ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ.
2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީ ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ 2017 ވަނަ އަހަރު ކަނޑައަޅާފައެވެ.
މިދުވަސްވަރަކީ ދުނިޔޭގެ ކަންކޮޅު ތަކުގައި ހަލުވި ކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސް ވަރަކަށްވެފައި، ކޮރޯނާވައިރަސްގެ ނުރައްކަލުގެ ބިރުވެރިކަން ދިވެހިންގެ ހިތްތަކަށް ވަނީ ވަދެފައެވެ. މުޅި މީސް މީޑިއާގައި ކޮރޯނާވައިރަސްގެ ޚަބަރުތައް ފަތު އަޑުކިޔާފައި އަންނަމުންދާއިރު، އަލުން ފެތުރެންފެށި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ފެތުރެމުންދާތީ އެކަމަށްވެސް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!