ނ.ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސް މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ.

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް، ސީޕްލޭން ޚިދުމަތް ފައްޓަވާނެކަމަށެވެ.

Ad
rt

މީގެ އިތުރުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީ އެމްބިއުލާންސެއް ސްޓޭޝަންކޮށްފައި ބަހައްޓާނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ބަނދަރުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި 600 ރައްޔިތުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަން ބަލައި، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކޮށް، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިކަމަށް މި އަހަރު ނުވަތަ އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އެރަށުގައި ކޮށްދޭވާނެކަމަށް އަންނަ އަހަރަށް އިޢުލާންކުރެއްވި އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢަކާއި، ސްކޫލަށް ކްލާސްރޫމާއި ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ރައީސް ވަނީ ތަކުރާރުކުރަށްވާފައެވެ.

ވެލިދޫގެ ތަރައްޤީއަށްޓަކައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މިއަދު ވަނީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފަށާފައެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްސަކޮށް ހިއްކާ ސަރަޙައްދުގެ މަސައްކަތާއި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުންވެސް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ.