ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ.

Ad
rt

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. ނިޢުމާތުގެ މަޤާމުގެ ފުރަތަމަ ދައުރުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާނެއެވެ.

އެހެންވެ ރައީސް ވަނީ އޭނާގެ މަގާމުގެ މުއްދަތު 5 އަހަރުގެ ދައުރެއް އިތުރުކުރެއްވުމަށް ނިންމަވައި، އެކަމަށް މަޖިލީހުގެ ރުހުން ހޯއްދަވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި އެ ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ މިނިވަން މުސްތަޤިއްލު މަގާމެއްކަމުގައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން މަގާމުގެ މަސްއިއްޔަތުތަކަކީ:

  • ދައުލަތުގެ އިދާރާތަކުން މި ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން؛
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
  • ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން؛
  • ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުން.

ނިޢުމާތު ޝަފީޤަކީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްޠަޤިއްލު އިދާރާއެކެވެ