ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްގެ މަސައްކަތް ދެ އަހަރަށް ބަހާލައިގެން ފަށާނެކަމަށާއި، އެކަން ނިންމާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަށްވާކަމަށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މަނަދޫ އަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހަމަ ޕްލޭންކޮށްފައި އޮތްގޮތަށް މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ފަށައި، އަދި އަންނަ އަހަރު ދެންހުރި ގިނަ މަސައްކަތްތައް ފަށައި، ދެ އަހަރަށް ބަހާލައިގެން ހުރިހާ ވަޢުދެއްގެ މަސައްކަތް ނިންމަމުންދާނެ ކަމަށެވެ. އަދި އެމަނިކުފާނުވެވަޑައިގަތް ވަޢުދުފުޅުތަކާ ގުޅޭގޮތުން ޝައްކުކުރާނެ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމަ ޕްލޭންކޮށްފައި އޮތްގޮތަށް މިގެންދަނީ، މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް، އަދި، މި އަންނަ އަހަރު ދެންހުރި ގިނަ މަސައްކަތްތައް، ދެ އަހަރަށް ބަހާލައިގެން، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ މަސައްކަތް ފަށާނަން. ފަށާ، އިރާދަކުރެއްވިއްޔާ ނިމެމުންދާނެ. އެއަކު އެއްވެސް ޝައްކެއްއޮތް ކަމެއް ނޫން، އިރާދަކުރެއްވިއްޔާ. އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއްގެ މަސައްކަތް ދެ އަހަރު ތެރޭގައި ފަށާނަން. މި އަހަރު އެއްބައި، މި އަންނަ އަހަރަށް އަނެއްބައި. އެހެންވީމާ، އެގޮތަށް ހުރިހާ ކަމެއް ދާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިކަންކަން ކުރިއަށް ގެންދަވާނެ ގޮތް ތަފްޞީލު ދެއްވަމުން ވިދާޅުވީ، ފައިސާ ޗާޕުނުކޮށް، ބޭރަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި، ހުރިހާ ކަމެއްވެސް ކުރަމުންދާނެ ކަމަށެވެ. އަދި، ރައްޔިތުންގެ އެކި ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ދިނުން ވެސް އެކި މަހު، އެކި ހަފްތާގައި، އެކި ވަރަށް ދޫކުރަމުންދާ ކަމަށާއި، ހުރިހާ ކަމެއް އެއްކޮށް މެނޭޖު ކުރެވިގެން، އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއްގެ ތެރޭގައި، މިހާރަށްވުރެ ރަނގަޅަށް ފައިސާ ދޫކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެން، މިކަން މި ކުރަނީ، ފައިސާ ޗާޕުނުކޮށް، ބޭރަށް ދައްކަންޖެހޭ ދަރަނިތައް ދައްކާ، ހުރިހާ ކަމެއްވެސް ކުރަމުން. ދެން، އެބަހުރި ރައްޔިތުންގެ އެކި ކުންފުނިތައް، އަމިއްލަ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާދިނުންވެސް. އެވެސް އެކިމަހު، އެކި ހަފްތާގައި، އެކިވަރަށް ދޫކުރަމުން މިދަނީ. އެހެންވީމާ، ހުރިހާ ކަމެއް އެއްކޮށް މެނޭޖް ކުރެވިގެން، އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއްގެ ތެރޭގައި، މިހާރަށްވުރެ ރަނގަޅަށް ފައިސާ ދޫކުރެވޭނެ. އެ ހުރިހާ ކަމެއް އެބަ ގެންދެވޭ،" ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، އެމަނުކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ވަޢުދުތައް ފުއްދަވާނެކަން ކަށަވަރުކޮށްދެއްވުމެވެ.