ނ. ކުޑަފަރީގަައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، އެ އަތޮޅު މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފިއެވެ.
މިގޮތުން ހެލްތް މިނިސްޓްރީން މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.
މި މަސައްކަތުގެ އަގަކީ 10،900،000.93 ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މާފަރު ސިއްހީ މަރުކަޒުގި ހަތަރު އެނދުގެ ވާޑެއް އިތުރުކޮށް، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓް ތަރައްގީ ކުރާނެއެވެ. އަދި ޕޯޓިކޯ އެއްވެސް ހަދާނެއެވެ.
ހެލްތް މިނިސްޓްރީން ކުޑަފަރީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ އެވެ.
360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 27،635،152.4 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!