އެސްޓްރޮނޮމަރގެ ސީއީއޯ އެންޑީ ބައިރޮން، ކޯލްޑްޕްލޭ ކޮންސަޓެއްގައި އެ ކުންފުނީގެ މުވައްޒަފަކާއެކު ގައިގޯޅިކޮށް ތިބޭ ވީޑިއޯއެއް ވައިރަލްވުމާ ގުޅިގެން އޭނާގެ މަޤާމުން އިސްތިއުފާދީފިއެވެ.
އެސްޓްރޮނޮމަރގެ ބޯޑް އޮފް ޑައިރެކްޓަރުން ބައިރަންގެ އިސްތިއުފާ ބަލައިގަނެ، އައު ސީއީއޯއެއް ހޯދުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.
ބައިރަންގެ ވީޑިއޯ ވައިރަލްވުމާ ގުޅިގެން، އޭނާ އެކަމާ ގުޅޭގޮތުން ދީފައިވާކަމަށް ބުނާ ބަޔާންތަކެއް އިންޓަނެޓްގައި ދައުރުވާން ފެށުމުން، އެސްޓްރޮނޮމަރުން ކުރިން ލިންކްޑްއިންގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައިރަން "އެއްވެސް ބަޔާނެއް" ދީފައިނުވާ ކަމަށާއި، "އެހެން ގޮތަކަށް ބުނާ ރިޕޯޓުތަކަކީ ރަނގަޅުނޫން" ރިޕޯޓުތަކެއް ކަމަށެވެ. އެ ބަޔާނުގައި އަދި ވީޑިއޯގައި ފެންނަ ތިންވަނަ މީހަކު ކަމަށް ބުނެ ދައުރުވަމުންދާ މީހާއާއި ގުޅޭ މަޢުލޫމާތު ރަނގަޅު ނޫންކަމަށް ވެސް ބުނެފައިވެއެވެ.
ބުދަ ދުވަހު ބައިރަން އެ ކުންފުނީގެ ޗީފް ޕީޕަލް އޮފިސަރ ކްރިސްޓިން ކެބޮޓް އާއެކު މެސެޗޫސެޓްސްގެ ފޮކްސްބޮރޯގައި ހުންނަ ޖިލެޓް ސްޓޭޑިއަމްގެ "ކިސް ކެމް" ސްކްރީނުގައި ފެނުމުން، ދެމީހުންވެސް ވަނީ ކެމެރާއަށް ފިލާފައެވެ. މި ދެ މީހުންނަކީ ވެސް އެހެން މީހުންނާއި އިނދެގެން އުޅޭ ދެމީހުންނެވެ. އެހެންވެ އެދެމީހުން ގައިގޯޅިކޮށް ތިބޭ ވީޑިއޯ މުޅި ދުނިޔެއަށް ވައިރަލްވެ ''ބޭވަފާތެރީން''ގެ ގޮތުގައި މެދުނުކެނޑި ފާޑުކިޔުންތައް ދިޔައީ އޮހެމުންނެވެ.
މި ފާޑުކިޔުންތައްވީ ބައިރޮންގެ ކުންފުންޏަށް ދޫކޮށްލައިގެން ތިބެވޭވަރުކަމަކަށް ނޫނެވެ. އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެސްޓްރޮނޮމަރ އަކީ އެ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ޝަރަފް ހިފެހެއްޓުމާއި، ސަގާފަތަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެއްކަމަށެވެ.
''އަޅުގަނޑުމެންގެ ވެރިން އުޅެންވާނީ ސުލޫކީ މިންގަނޑުތަކާއި ޖަވާބުދާރީވުމުގެ މިސާލު ދައްކައިދޭ ގޮތަށް، އަދި ފަހަކަށް އައިސް، އެ މިންގަނޑު ހިފެހެއްޓިފައި ނުވޭ،" ކުންފުނިން ހޮނިހިރު ދުވަހު ބުންޏެވެ.
2018 ގައި އުފެދުނު މި ޑޭޓާ އޮޕަރޭޝަންސް ކުންފުނިން ބުނެފައިވަނީ އެ ކުންފުންޏާ މެދު މީހުން ދެކޭގޮތް އެންމެ ރެއަކުން ވެސް ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް، ޑޭޓާ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މައްސަލަތައް ހައްލުކުރުމަށް އަމާޒު ހިފައިގެން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފަވެއެވެ.
ހުކުރު ދުވަހު ކުންފުނިން ބުނެފައިވަނީ އެސްޓްރޮނޮމަރގެ ކޯ-ފައުންޑަރ އަދި ޗީފް ޕްރޮޑަކްޓް އޮފިސަރ ޕީޓް ޑިޖޮއި ވަގުތީ ސީއީއޯގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ބައިރަންގެ ލިންކްޑްއިން އެކައުންޓް މިހާރު ވަނީ ޕަބްލިކްކޮށް ނުފެންނަ ގޮތަށް ބަދަލުކޮށްފައެވެ. އަދި އޭނާ ވަނީ ކުންފުނީގެ ލީޑަރޝިޕް ޕޭޖުން ވެސް ނަން އުނިކޮށްފައެވެ. މިހާރު އެ ޕޭޖުގައި ކޯ-ފައުންޑަރ ޑިޖޮއި ވަނީ ސީއީއޯގެ ގޮތުގައި ލިސްޓްކޮށްފައެވެ. ބައިރަން އަދިވެސް ކުންފުނީގެ ވެބްސައިޓްގައި ބޯޑް އޮފް ޑައިރެކްޓަރުންގެ މެންބަރެއްގެ ގޮތުގައި ލިސްޓްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!