މެއި މަހު އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގި އެންމެ ފަހުގެ ހަމަނގުރާމާގައި މަދުވެގެން ހަނގުރާމަމަތީ 5 މަތިންދާބޯޓު ވައްޓާލިކަމަށް އެމެރިކާގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި ރިޕަބްލިކަން މެމްބަރުންނާއެކު ބޭއްވި ރޭގަނޑުގެ ކެއުމުގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގި އެންމެ ފަހުގެ ހަމަނގުރާމާގައި މަދުވެގެން 5 މަތިންދާބޯޓު ވައްޓާލިކަމަށެވެ.

Ad
rt

ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މި ދެ ޤައުމުގެ ދެމެދުގައި ހިނގި ހަނގުރާމަ ހުއްޓުވީ އެމެރިކާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

"މަތިންދާބޯޓުތައް ވަނީ ވައިގެ ތެރެއިން ވައްޓާލެވިފައި، އަޅުގަނޑު ހިތުން 5 ޖެޓް މަތިންދާބޯޓު ވައްޓާލެވުނު، ޙަޤީޤަތް،" ޓްރަމްޕް ވިދާޅުވިއެވެ.

ވައްޓާލެވުނީ ކޮން ޤައުމެއްގެ މަތިންދާބޯޓުތަކެއްކަން ޓްރަމްޕް ވިދާޅުނުވި ނަމަވެސް މިއީ 4 ދުވަހުގެ މި ހަނގުރާމައިގައި މަތިންދާބޯޓުތަކެއް ވައްޓާލެވުނުކަން ތިންވަނަ ޤައުމެއްގެ ވެރިއަކު ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުގައި މެއި 7 ވަނަ ދުވަހުގެ ރޭ އިންޑިޔާއިން ބޯޑަރު ހުރަސްކޮށް ދިން ޙަމަލާތަކުގައި އެ ޤައުމުން ވަނީ އިންޑިޔާގެ 6 މަތިންދާބޯޓު ވައްޓާލާފައެވެ. މީގެ ތެރޭގައި ފްރާންސްގައި އުފެއްދި 3 ރަފާލް މަތިންދާބޯޓު ހިމެނެއެވެ.

އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް އަނިލް ޗައުހާން، ފަހުން ކަށަވަރުކޮށްދެއްވާފައިވަނީ އިންޑިޔާގެ ބައެއް މަތިންދާބޯޓުތައް ވައްޓާލެވުނު ކަމަށެވެ. ނަމަވެސް އަދަދެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

"މުހިންމީ (އިންޑިޔާއަށް) ޖެޓް ވެއްޓުނު ކަމެއް ނޫން، އެހެނަސް އެ ވެއްޓުނީ ކީއްވެގެންކަން،" ޗައުހާން ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތައް ވަނީ "ބޮޑުވަމުން ބޮޑުވަމުން" ގޮސްފައެވެ. އަދި މިކަން ޙައްލުކުރެވުނީ "ވިޔަފާރީގެ ތެރެއިން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުނީމު، ތިޔަ ބޭފުޅުން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް. ތިޔަ ބޭފުޅުން ހަތިޔާރު، އަދި ފަހަރެއްގައި ނިއުކްލިއަރ ހަތިޔާރު ވެސް، ބޭނުންކުރަން އުޅޭ ކަމަށްވަންޏާ އަޅުގަނޑުމެން ވިޔަފާރީގެ އެއްބަސްވުމެއް ނުހަދާނަމޭ. މި ދެ ޤައުމަކީ ވެސް ވަރަށް ބާރުގަދަ ނިއުކްލިއަރ ޤައުމުތަކެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަނީ ގިނަ ހަނގުރާމަތަކެއް ހުއްޓުވާފައި. އަދި މިއީ ވަރަށް ނުރައްކާތެރި ހަނގުރާމަތަކެއް،" އެމެރިކާގެ ރައީސް އިތުރަށް ވިދާޅުވިއެވެ.

ދެކުނު އޭޝިޔާގެ އަވައްޓެރި ދެ ޤައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓުވުމަށް ވޮޝިންގްޓަނުން މެދުވެރިވެގެން މަސައްކަތްކުރި ކަމަށް ޓްރަމްޕް ވަނީ 12 ފަހަރަށްވުރެ ގިނައިން ވިދާޅުވެފައެވެ. ނަމަވެސް އިންޑިޔާއިން ބުނާ ގޮތުގައި މިކަމުގައި އެމެރިކާގެ އެއްވެސް މެދުވެރިވުމެއް ނެތެވެ.

މި ހަނގުރާމަ ފެށުނީ އޭޕްރިލް 22 ވަނަ ދުވަހު އިންޑިޔާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމް ފަތުރުވެރިކަމުގެ ރިސޯޓަށް ދިން ޙަމަލާއާ ގުޅިގެންނެވެ. ނިއު ދިއްލީން މި ޙަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އިސްލާމާބާދު ކަމަށް ބުނެފައިވާއިރު، ޕާކިސްތާނުން މިކަމުގެ ޒިންމާ ނަގަން އިންކާރުކޮށް، މިނިވަން ތަޙްޤީޤެއް ހިންގުމަށް ގޮވާލާފައިވެއެވެ.

މި ދެ ޤައުމުގެ ދެމެދުގައި ޙަމަލާތަކެއް ބަދަލުކުރުމަށްފަހު، މެއި 10 ވަނަ ދުވަހު ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލި ކަމަށް އިޢުލާނުކުރައްވާފައެވެ.