ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ކަނޑައިގެން އޮޔާދަނީ ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަމަށެވެ.
އެމްއެންޑީއެފުން ލަފާކުރާގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެކަމަށް ބެލެވެނީ ކާށިދޫ ކަނޑުތެރެއަށެވެ.
''އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،'' އެމްއެންޑީއެފުން ބުންޏެވެ.
އެ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށާއި، އަދި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެމްޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްކޮޅު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަކުރަމުންނެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މޫސުން އަލިވާން ފަށާނީ މާދަމާއިން ފެށިގެންނެވެ.
މެޓް އޮފީހުން މިވަގުތު ވެސް އޮތީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދުސަމާލުގެ އިންޒާރު ނެރެފައެވެ. މި ސަމާލުގެ ވަގުތު ހަމަވާނީ މިރޭ 21:30 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!