ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި، ރާއްޖެއަށް ކޮމަންވެލްތުން މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުން ކުރިއަށްދާނެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި 2040 އާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ސަރުކާރުގެ ތަޞައްވުރު ހާސިލުކުރުމުގައި ކޮމަންވެލްތުގެ އެއްބާރުލުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ދެ ބޭފުޅުން ޑިމޮކްރަސީ، ހެޔޮ ވެރިކަން، ވިޔަފާރި، ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްޤީފަދަ ދެފަރާތަށް މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެ ބޭފުޅުން ވަނީ ދެނެގަނެފައިަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!