ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އިންސާފުވެރިކުރަން ޖެހޭ ކަމަށާއި، އެއް ދާއިރާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒުގަދަ މެންބަރުން ތިބުމުގެ ސަބަބުން ވަކި ޕްރޮޖެކްޓްތަކެއް ކަނޑައެޅުމުގެ ބަދަލުގައި، ކައުންސިލްތަކަށް ބަޖެޓް ބެހުމުގެ ހަރުދަނާ އުސޫލެއް ގެނައުމަކީ މުހިންމު ކަމެއް ކަމެއްކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.

އެގޮތުން މޭޔަރ އާޠިފް ހުށަހެޅުއްވީ، ދައުލަތުގެ ޕީ.އެސް.އައި.ޕީ ބަޖެޓު ބެހޭނެ އުސޫލެއް އެކުލަވާލައި، އާބާދީއަށް ރިޢާޔަތްކޮށް، އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް ވަކި ބަޖެޓެއް އެލޮކޭޓްކުރުމަށެވެ. އެހެންކަމުން އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާ މަޝްވަރާކޮށް، އެ ބަޖެޓުން އެންމެ އިސްކަންދެވޭނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަންކަމަށް އެ އަހަރެއްގައި ދައުލަތުގެ ބަޖެޓުން އެ ލިބޭ ފައިސާ އެންމެ ރަނގަޅަށް ޚަރަދު ކުރެވިގެން މެނުވީ އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ. އަދި އަޅުގަނޑުމެންގެ ރަށްތައް އެކުގައި މުޅި ދިވެހިރާއްޖެ އެކުގައި ތަރައްޤީކުރެވޭނެ ނިޒާމެއް ވެސް ނުހޯދޭނެ." މޭޔަރ އާޠިފް ވިދާޅުވިއެވެ.

މިގޮތަށް ބަޖެޓު ބެހުމުގެ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ހަމަހަމައަށް ތަރައްޤީވެ، ރައްޔިތުންނަށް އިތުރު ފާގަތިކަމެއް ލިބޭނެކަމެއް ކަމަށްވެސް މޭޔަރ އާޠިފް ފާހަގަކުރައްވައެވެ.