އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއި މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ.

ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރަށްވާފައެވެ.

Ad
rt

މި ޒިޔާރަތުގެ ތެރެއިން ދެބޭފުޅުން ވަނީ ބައްދަލުކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރަށްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައި ބޭއްވި މި ބައްދަލުކޮށްލެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، ވަނީ މަޝްވަރާކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރަސް މުޢިއްޒު ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވާއިރު، އަދި އެ އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލައްވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެކެވެ.