ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ ރާއްޖޭގެ އިޤްތިޞާދުގެ ހަމަ އެންމެ މުހިންމު އެސެޓްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވީއައިއޭ އަށް އަންނަ ކޮންމެ ކުރިއެރުމަކީ، ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއާ ގުޅިފައިވާ ތަނެއް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެއަރޕޯޓުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، ވީއައިއޭގެ ތަރައްގީއާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ލިބިގެންދަނީ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އާޓަމިނަލާއެކު ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވިގެންދަނީ ވަރަށްގިނަ ދޮރުތަކެއްކަމަށް ވިދާޅުވިއެވެ.

‘’ޖުމްލަކޮށް ހަމަ އިޤްތިޞާދީ ކުރިއެރުން ހަމަ ވަރަށްބޮޑަށް މަތިވެގެންދާނެ ކަމެއް، މި އެއަރޕޯޓްގެ މި ޓަރމިނަލް ނިމިގެންދިޔުން. އަދި އޭގެއިތުރަށް، އަޅުގަނޑުމެން މި ހަވާލުކޮށްފައި އޮންނާނެ، ބާ ރަންވޭ ރީ-ސަރފޭސް ކުރުންވެސް. ދެން އަދި މިކަހަލަ އެހެން ބައެއް މަސައްކަތްތައްވެސް ކުރެވިގެން އެދަނީ އެއަރޕޯޓުގައި. އެހެންވީމާ، ޖުމްލަކޮށް މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ހަމަ އެންމެ މުހިންމު އެސެޓް. އެހެން ނޫންތޯ. އެއީ ދަންނަވަންޏާ، ކީ، ހަމަ އެންމެ ކީ. އެންމެ މުހިންމު ކަންތައް އެއީ އިނގޭތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެއަރޕޯޓުތައް ތަރައްޤީވަމުން އަންނަ ކަމަށާއި، ހެދިފައި ހުރި އެއަރޕޯޓްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރާއި މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ކުރިންވެސް ހަމަ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އެއަރޕޯޓްތައް ހެދިގެންދާނެ. މި އަހަރު ތެރޭގައި މީގެތެރެއިން ބައެއް އެއަރޕޯޓްތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. މި އަންނަ އަހަރު ބާކީހުރި މަސައްކަތް. ބިން ހިއްކަންޖެހޭ ރަށްރަށުގައި މި އަހަރު ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ބައެއް ރަށްތަކުގައި ފެށިގެންދާނެ. އެހެންވީމާ، އެވްރެޖްކޮށް ބަލަންޏާ ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮންނަން އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.