ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
''މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރަން.'' ރައީސް ވިދާޅުވެފަވެއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު.
މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ…
— Dr Mohamed Muizzu (@MMuizzu) July 14, 2025
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން އެވެ.
ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު
މި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖާ އަށާއި 40 މީހާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މިރޭ އިރާކޮޅު މާލޭގެ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުމަށްފަހު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އަސުރުނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އަދި ޖަނާޒާ ބާއްވަން ނިންމާފައި ވަނީ ވެސް އާސަހަރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!