ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ފަށައިފިއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ.
މިއަދު ހެނދުނު ފެށި މި މަސައްކަތަށްޓަކައި، މިނިސްޓްރީން ވަނީ ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ރަޖިސްޓްރީ ނެގުމަށް ދުވަހާއި ވަގުތު ކަނޑައަޅައި، އެކަމުގެ މައުލޫމާތު ވަގުތުން ދީފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ގޯތި ލިބި، ރަޖިސްޓްރީއަށް އިންތިޒާރުކުރަމުންދިޔަ ފަރާތްތަކަށް މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބެލެވެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު ، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެ އެވެ.
ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!