ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ މައިގަނޑު ކެމްޕޭން ފައިނޭންސަރު ކަމުގައިވާ އެލޮން މަސްކް އާ ދެމެދު އޮތް ގުޅުން އިތުރަށް ރެނދުލައި ގޯސްވެއްޖެއެވެ.

މިފަހަރު އެކަން ވެގެން ދިޔައީ، ޓްރަމްޕްގެ "ބޮޑު، ރީތި" ޓެކްސް ބިލުން އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ބުނެ، ސްޕޭސް އަދި އޮޓޮމޮބައިލް ދާއިރާގެ ބިލިއަނަރު މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ.

Ad
rt

މަސްކް މިކަން ހާމަކުރީ ހޮނިހިރު ދުވަހު އޭނާގެ އެކްސް ޕްލެޓްފޯމުންނެވެ. އޭނާ ވަނީ ފުރަތަމަ އޭނާގެ ފޮލޯވަރުންގެ ކިބައިން އާ އެމެރިކާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހޭތޯ ސުވާލުކޮށްފައެވެ. އެއަށްފަހު، ޕޯސްޓެއްގައި "މިއަދު، އެމެރިކާ ޕާޓީ އުފެދިއްޖެ. ތިޔަބައިމީހުންގެ މިނިވަންކަން އަނބުރާ ދިނުމަށްޓަކައި" މިހެން ލިޔެފައެވެ.

"ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ އައު ސިޔާސީ ޕާޓީއެއް. އަދި އެކަން ތިޔަބައިމީހުންނަށް ލިބޭނެ!" އޭނާ އިތުރަށް ލިޔަފަވެއެވެ.

މަސްކް ''އެމެރިކާ ޕާޓީ''ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހަދާނެކަން އިޢުލާނު ކޮށްފައި މިވަނީ އޭނާ ގަދައަޅައި ދެކޮޅުހެދި ޓްރަމްޕްގެ "ބޮޑު، ރީތި" ޓެކްސް ކަނޑާލުމާއި ޚަރަދުކުރުމުގެ ބިލު ހުކުރު ދުވަހު ޤާނޫނަކަށް ހަދާފައި ވަނިކޮށެވެ. މި ބިލުގެ ސަބަބުން އެމެރިކާ ބަނގުރޫޓުވެދާނެ ކަމަށް މަސްކް އައީ ތަކުރާރުކޮށް ބުނަމުންނެވެ.

ޓެސްލާ ކާރު ކުންފުންޏާއި ސްޕޭސްއެކްސް ސެޓެލައިޓް ކުންފުނީގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް އަރާފައިވާ މަސްކް، މީގެ ކުރިން ޓްރަމްޕް އައު ރިޔާސީ ދައުރެއް ކާމިޔާބުކުރުމަށް ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފައިވެއެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަމާޒުކޮށްގެން ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފެށުމުގައި އުފެއްދި ސަރުކާރުގެ ހަރުދަނާކަމުގެ ޑިޕާޓްމަންޓް ވެސް އޭނާ ވަނީ ހިންގާފައެވެ. ނަމަވެސް މި ޓެކްސް ބިލާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުމާ ގުޅިގެން، ދެމީހުންގެ ގުޅުން ވަނީ ނުހަނު ގޯސްވެފައެވެ.

މީގެ ކުރިން މަސްކް ވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދައި، މި ބިލަށް ތާއީދުކުރި މެންބަރުން ވަކިކުރުމަށް ފައިސާ ހޭދަކުރާނެ ކަމަށް ބުނެފައެވެ.

މި ހަފްތާގެ ކުރީކޮޅު ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ފެޑެރަލް ސަރުކާރުން ދެމުންދާ ބިލިއަން ޑޮލަރުތަކުގެ ސަބްސިޑީތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މަސްކްގެ ވިސާ ކެންސަލްކޮށް އޭނާގެ އަސްލު ޤައުމުކަމަށްވާ ދެކުނު އެފްރިކާއަށް ފޮނުވާލާނެކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.