މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މާލެއިން އެއްގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތަކަށް މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ (2 ޖުލައި 2025) ގައި ހުށަހެޅުނުކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން، އަނިޔާ ކުރަމުން ދިޔަ މީހާ ހުރި ތަން ހޯދައި، މިއަދު (3 ޖުލައި 2025) ގައި އެ މީހާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި، ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ) ވަނީ ހައްޔަރުކޮށްފައެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާއަކީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ އިތުރުން މާލޭގެ ގެއެއްގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށްފައި ހުއްޓާވެސް ފުލުހުން ވަނީ މިއަދު ސަލާމަތްކޮށްފައެވެ. އެ މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!