ސައުދީ އަރަބިއްޔާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ފަރާތުން 49.4 ބިލިއަން ސައުދީ ރިޔާލް (13,338,000,000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސައޫދީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާއިން ބޭރުގެ ފަތުރުވެރިން އެ ޤައުމުގައި ޚަރަދުކުރުމުގައި ރެކޯޑު އަދަދަދެކެވެ. މިގޮތުން ސައޫދީގައި ބޭރުގެ ފަތުރުވެރިން ކުރި ޚަރަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 49.4 ބިލިއަން ސައުދީ ރިޔާލަށް އަރާފައިވާކަމަށް ސައޫދީ ޓޫރިިޒަމް މިނިސްޓްރީން ބުނެފަވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން މެއި މަހު ޝާއިޢުކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްސްގެ ދަތުރުފަތުރުގެ ބައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ދަތުރުފަތުރުގެ ބައިގައި ސައުދީ އަރަބިއްޔާއިން ވަނީ 26.8 ބިލިއަން ސައުދީ ރިޔާލުގެ ސަރޕްލަސްއެއް ހާސިލުކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ސައޫދީ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބެލެންސް އޮފް ޕޭމަންޓްސްގެ ދަތުރުފަތުރުގެ ބައިގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އެ މިނިސްޓްރީއާއި ސައުދީ ފަތުރުވެރިކަމުގެ ނިޒާމުގެ އެހެނިހެން ބައިތަކުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ޤައުމީ އިޤްތިޞާދުގެ ކުރިއެރުމަށް ފަތުރުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ތަރައްޤީގެ ހެއްކެއްކަމަށް ވެސް ބުނެފަވެއެވެ.
މި ކުރިއެރުމަކީ ފަތުރުވެރިކަމުގެ ދާއިރާ ދުނިޔޭގެ ފެންވަރުގައި އިސް ސަފުގައި ހިފެހެއްޓުމަށް ސައުދީގެ ފަތުރުވެރިކަމުގެ ސިނާއަތުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަން ހާމަވެގެންދާކަމެއް ކަމަށް ވެސް ސައޫދީ ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެެވެ. މިގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކުރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި އުފެއްދުންތައް ކުރިއެރުވުމާއި، ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ސައުދީ ވިޝަން 2030 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސައޫދީ ސަރުކާރުގެ އެންމެހާ އިދާރާތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުން ހިމެނޭކަމަށް ސައޫދީ ޓޫރިޒަމް މިނިސްޓްރީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!