އިސްރާއީލަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށް ނުލެވުމުން ހަމަލާގައި ބައިވެރިވެ އީރާންގެ ނިއުކްލިއަރ ތިން ތަނަކަށް ހަމަލާދިނުމަށްފަހު އެތަންތަން ''ފުނޑުފުނޑުކޮށްލެވިއްޖެ''ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވިޔަސް، އެތަންތަން ނައްތާނުލެވޭކަން އެމެރިކާއިން އެންމެފަހުން އެއްބަސްވެއްޖެއެވެ.
ރާގުބަދަލުކޮށް އެމެރިކާގެ ޕެންޓަގަނުން މިހާރު ބުނަނީ އެ ޤައުމުން އީރާނަށް ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޝޯން ޕާނެލް ވަނީ ބުދަ ދުވަހު، އެމެރިކާއިން އަމާޒުކުރި އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީ ވަނީ ''ފުނޑުފުނޑުކޮށްލެވިފައި ކަމަށް'' ބުނެފައެވެ. މިއީ ރައީސް ޓްރަމްޕްގެ ބަސްފުޅާ އެއްގޮތް ބުނުމެކެވެ. އޭނާ މި ހަމަލާތައް ސިފަކުރީ "ހިތްވަރުގަދަ އޮޕަރޭޝަނެއް" ގެ ގޮތުގައެވެ.
އެއާއެކު އޭނާ ބުނެފައި ވަނީ "އަހަރެމެންނަށް އެމީހުންގެ ޕްރޮގްރާމް މަދުވެގެން 1-2 އަހަރަށް ފަހަތަށް ޖައްސާލެވިއްޖެ،" ކަމަށެވެ.
ޖޫން 21 ގައި އެމެރިކާއިން B-2 ސްޓެލްތު ބޮމްބާތަކެއް އީރާނަށް ފޮނުވި ފަހުން، ޓްރަމްޕް އައީ އެ ހަމަލާތަކުން އެ ޤައުމުގެ ނިއުކްލިއަރ ފެސިލިޓީތައް ހަލާކުނުވި ކަމަށް ބުނާ ކޮންމެ ބުނުމަކަށް ރައްދު ދެމުންނެވެ. އޭނާ ބުނަމުން އަންނަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަނީ "މީގެ ކުރިން އެއްވެސް މީހަކަށް ނުފެންނަ ވަރަށް ފުނޑުފުނޑުކޮށްލެވިފައި" ކަމަށެވެ.
ނަމަވެސް، ވޭތުވެދިޔަ މަހު ގިނަ މީޑިއާތަކަށް ލީކްވި އެމެރިކާގެ އިބްތިދާއީ އިންޓެލިޖެންސް އެސެސްމަންޓެއްގައި ބުނެފައިވަނީ މި ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައިގަނޑު ބައިތައް ހަލާކުނުވާ ކަމަށާއި، އެ މަސައްކަތް ހަމައެކަނި މަދު މަސްތަކަކަށް ލަސްވެފައިވާ ކަމަށެވެ.
ތެހެރާނުން މިހާތަނަށް އެ ޤައުމުގެ ނިއުކްލިއަރ ސައިޓްތަކުގެ ހާލަތާ ބެހޭ ގޮތުން މާ ގިނަ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް އީރާނު އޮފިޝަލުން ބުނެފައިވަނީ އެމެރިކާ އަދި އިޒްރޭލުގެ ހަމަލާތަކުން އެ ފެސިލިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ ހަފްތާގައި އީރާންގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެފައި ވަނީ ޓްރަމްޕް މި ހަމަލާތަކުގެ އަސަރު ނިއުކްލިއަރ ޕްރޮގްރާމަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއިން އެމެރިކާއިން ދިން ހަމަލާތަކުގެ ނަތީޖާއާ ބެހޭ ގޮތުން މިނިވަން ފަރާތަކުން އެއްވެސް އެސެސްމަންޓެއް ހަދާފައެއް ނުވެއެވެ. ސެޓެލައިޓް އިމޭޖްތަކުން ފެންނަ މަންޒަރުތަކުން ބިމުއަޑީގައި ހުރި ސައިޓްތަކަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ފުރިހަމައަށް ދެނެގަނެވޭކަށް ނެތެވެ. ޚާއްޞަކޮށް އެ ޤައުމުގެ އެންމެ ބޮޑު އެންރިޗްމަންޓް ފެސިލިޓީ ކަމަށްވާ ފޯޑޯއަށް ލިބުނު ގެއްލުމުގެ މިންވަރު ސާފުކޮށް ނޭނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!