ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިކަމާ ގުޅިގެން "ޕްރޮޖެކްޓް ސޯލަރ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

Ad
rt

ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުންނެވެ. އެގޮތުން، 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ވަނީ މިކަންކަން ކަނޑައަޅުއްވާފައެވެ.

"ޕްރޮޖެކްޓް ސޯލަރ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި މިއަދު ސޮއިކުރެވުނު އިންވެސްޓްމަންޓް އެގްރީމަންޓަކީ އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު ސޮއިކުރެވުނު އެގްރީމަންޓެކެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ރައީސް މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

100 މެގަވޯޓްގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމުކޮށް އޮޕަރޭޓް ކުރުން.
މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.
ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން.
ރިއަލް އެސްޓޭޓް ތަރައްޤީކުރުން.

މި ޒޯނަށް ކަނޑައަޅާފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރައްވާފައެވެ.

މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވައި، ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.