ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރު ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވާ، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރު ހޯދައި އިޤްތިޞާދު ތަފާތުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، ތަޢުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ ޢިލްމު ޙިއްޞާކުރުމާ ބެހޭގޮތުން ވެސް ވާހަކަފުޅުދެއްކެވިއެވެ.
ދެ ޤައުމަކީ ވެސް ކުދި ޖަޒީރާ ޤައުމުތަކަށް ވުމާއެކު، ޚާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!