ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެންނަށް ބައިވެރިވެވޭ މާހައުލެއް ޤާއިމުކުރުމަކީ އަމާޒެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހުގެ މުނާސަބަތުގައި، ޑިމޮކްރަސީ ދެމެހެއްޓުމާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމުގައި ޕާލިމެންޓްތަކުގެ މުހިންމު ދައުރު ފާހަގަކުރަށްވާކަމަށެވެ.

Ad
rt

ނަމަވެސް، ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައިވެސް ޕާލިމެންޓްތަކުގައި އަންހެނުންގެ ތަމްސީލު މަދުކަމަކީ އަދިވެސް ކަންބޮޑުވާންޖެހޭ މައްސަލައެއްކަމުގައި ރައީސް ވިދާޅިވިއެވެ.

''މިގޮތުން، ޕާލިމެންޓްގައި ޖިންސުގެ ހަމަހަމަކަން އިތުރުކޮށް، އެންމެންނަށް ބައިވެރިވެވޭ މާހައުލެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަލުން އަޒުމު ކަނޑައަޅަން، އަޅުގަނޑުމެންގެ ޕާލިމެންޓްތައް ބާރުގަދަކޮށް، ރައްޔިތުންނަށް މަޤްޞަދާއެކު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމަށް މަގުފަހިކުރާ އުޞޫލުތައް ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާ'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުން އަންހެނުންނަށް ގޮނޑިތައް ކާމިޔާބުކުރެވޭލެއް ނިސްބަތުން ބޮޑުތަންމަދެވެ. މަޖިލީހުގެ ގޮނޑިތަކަށް އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައެޅިފައިނުވިޔަސް މަޖިލީހުގެ ކޮންމެ ގޮނޑިއަކަށް ކުރިމަތިލައި ކާމިޔާބުކުރުމުގެ ފުރުސަތު ޤާނޫނުން އަންހެންނަށް ވެސް ލިބިދެއެވެ.

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ 93 ގޮނޑިތެރެއިން އަންހެނުން ތަމްސީލްކުރަމުން އަންނަނީ ތިން ގޮނޑިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި ތިއްބެވީ އަންހެން ފަސް މެމްބަރުންނެވެ. 18 ވަނަ މަޖިލީހުން ވެސް ފުރުސަތު ލިބުނީ ފަސް އަންހެން ބޭފުޅުންނަށެވެ.