ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީއާއި ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.

ދެވަނަ ބުރުގައި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީ އާއި ޕީއެސްޖީ ބައްދަލުކުރި 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޕީއެސްޖީންނެވެ.

Ad
rt

މިއީ މީގެ ދެ އަހަރުކުރިން ޕީއެސްޖީ ދޫކޮށްލި އިންޓަ މަޔާމީއަށް ބަދަލުވި މެސީ އޭނާގެ ކުރީގެ ކުލަބާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕީއެސްޖީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޖޮއާއޯ ނެވޭސް ބޮލުންނެވެ. އަދި މެޗުގެ 39 ވަނަ މިނިޓްގައި، ޕީއެސްޖީގެ ފަބިއަން ރުއީޒް ދިން ބޯޅައެއް، ހުސްކޮށް އަރައި ގޯލަށް ފޮނުވާލައި، ޖޮއާއޯ ނެވޭސް އެ ޓީމަށް ލީޑުފުޅާކޮށްދިނެވެ.

މެޗުގެ 44 ވަނަ މިނިޓްގައި، ޕީއެސްޖީން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް މަޔާމީގެ ޑިފެންޑަރު، ޓޯމަސް އަވީލެސް ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ، އެ ޕީއެސްޖީން ލީޑުފުޅާކުރިއެވެ. އަދި، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ.

ދެވަނަ ބުރުގައި ރޭ ބަޔާން މިއުނިކާއި ބްރެޒިލްގެ ފްލެމިންގޯ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ކުއާޓާއިން ޖާގަ ހޯދީ ބަޔާނުންނެވެ.

ބަޔާނުން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ޖޯޝުއާ ކިމިޗް ނެގިއިރު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފްލެމިންގޯގެ މިޑްފީލްޑަރ އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ބަޔާނުން ވަނީ މެޗުގެ 9 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ.

މި ލަނޑާއެކު ބަޔާން މިއުނިކް އިން މެޗުގެ ކޮންޓްރޯލް ހޯދާ ފްލެމިންގޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ވަނީ ފޮނުވާލަފައެވެ. ނަމަވެސް ފްލެމިންގޯ އިން ވަނީ ލިބޭ މަދު ފުރުސަތުތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ފްލެމިންގޯގެ ގާރސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނެސްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިއޮން ގޮރެޓްޒްކާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ފްލެމިންގޯ އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑަކީ އޭރިޔާ ތެރެއިން ބަޔާން މިއުނިކްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. ބަޔާނުން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާއި ބައްދަލުކުރާނީ ޕީއެސްޖީއެވެ.