ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ.

މި ގަހަށް އެ ދެކަނބަލުންގެ ނަންފުޅަށް ހާއްސަކޮށް ނަންދީފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގާޑަންގެ "ވީ.އައި.ޕީ އޯކިޑްސް" ކަލެކްޝަންގައެވެ.

ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ގާޑަންގެ ތާރީޚީ މަޢުލޫމާތު ދެކަނބަލުންނާ ހިއްސާކޮށް، ގާޑަންގެ އެކި ތަންތަން ދައްކަވާލައްވާފައިވެއެވެ.

ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ، އެތަނުގެ ދިގު ތާރީޚުގައި ހިނގަމުން އަންނަ ޘަޤާފަތެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން، އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރާ ކަމެކެވެ.

ރައީސް ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.