ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.އަތޮޅުގައި ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އެއްރަށުގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ހއ. އަތޮޅު ގައި އެ އަތޮޅު ހޯރަފުށީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރް) އިން ވިދާޅުވިއެވެ.
މުޅި ރާއްޖެ އައިޑީ ހަދައި ދިނުމުގެ ހިދުމަތް ފުޅާކުރަން މި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 23 ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފައިވެ އެެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!