ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަކި ރަށްތަކެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މީސްމީޑިއާގައި މިއަދު މިކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގައި މަޝްހޫރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ހަލާލް ޓޫރިޒަމްގެ ރޮނގުން ވެސް ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ފަތުރުވެރިންނަށް ދެވޭ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިހާރުވެސް ދިވެހިރާއްޖެއަކީ ދުނިޔެއަށް މިސާލަކަށްވެފައިވާ ގައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު އަމާޒަކީ ހަލާލް ޓޫރިޒަމްގެ ދާއިރާއިން ވެސް ކުރިއަރާފައިވާ އަދި މިންގަނޑަކަށްވާ ޤައުމަކަށް ވުން ކަމުގައި ވިދާޅުވިއެވެ.

ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ޚާއްސަކުރެވޭ ރަށްތަކުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިތުރަށް ތަނަވަސްވެ، ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ކުރިއަށް އޮތް ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއަކީ އިންވެސްޓްމަންޓަށް ތައްޔާރަށް އޮތް ޤައުމެއްކަމާއި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތް ޤައުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަލާލް ޓޫރިޒަމްއަކީ ދުނިޔޭގައި އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ.

މީގެ އިތުރުން ރައީސް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މާބޮޑު ތަރައްގީއެއް ނުވެވި އޮތް އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދޭން ސަރުކާރުން މީގެ ކުރިންވެސް ނިންމައި އިޢުލާންކޮށްފައިވާނެ ކަމަށެވެ. މިގޮތުން ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ އިތުރުން ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީގައި ރިސޯޓުތައް ތަރައްގީ ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެ ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، މިއީ އެމަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހަށް ދެއްވި ރިޔާސީ ބަޔާނުގައިވެސް މިކަން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

މި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޚާއްސަ ލުއިތަކާއި، އިންވެސްޓްމަންޓް އިންސެންޓިވްސް، އާންމު ވަސީލަތްތައް ތަރައްގީ ކުރުން އަދި އަމާޒުކުރެވިފައިވާ މާކެޓިންގ ސްޓްރެޓެޖީތައް ހިމެނެއެވެ.

މި ސަރަހައްދުތަކުގައި އިތުރު އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ޖަޒުރިބާކުރުމަށް މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރިއަށްދާ ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫޢުތަކާއެކު، ފަތުރުވެރިކަމުގެ އައު ބާބެއް ފެށުމުގެ ވަގުތު މިހާރު ވަނީ އައިސްފައި ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.