ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ހޯރަފުށީގެ މަގުތައް ހެދުމުގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގައި ވަނީ ތާރު އަޅާފައެވެ. އެއީ އެ ރަށުގެ 11 މަގެއްގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައިއެވެ.
އެ ރަށު މަގުތައް ހެދުމުގެ ދެވަނަ ފިޔަވހީގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގުބައްތި ޖެހުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.
ހޯރަފުއްޓަކީ އިގްތިސާދީ އިޖްތިމާއީ އަދު އުމްރާނީ ތަރައްގީގެ އެކި ކަހަލަ މަސައްކަތްތަކުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ބަރު ވެހިކަލްތަކާއި، ލޮރީ، ޕިކަޕް އަދި ކާރުފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށެއްކަމުން ރަނގަޅު ފެންވަރުގައި މަގުތައް ހެދިފައި ހުރުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ.
ފޭސް އެކެއްގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ސަބަބުން ގިނަ މަގުތަކެއް ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!