ހދ. ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 126,000ރ. ދައްކަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން, 2021 ގައި ކުޅުދުއްފުށީ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ސައިކަލާއި އެތަނުގައި ހުރި އިތުރު ސައިކަލާއި ބެޓްރި ސައިކަލެއްގައި ރޯވެފައިވެ އެވެ. އެ އަމަލު ހިންގި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށް, އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ.
ސައިކަލުތަކުގެ ވެރިފަރާތުން ދައުވާކުރީ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 124,000ރ. އާއި ވަކީލުގެ ފީ އެ ދެ މީހުންގެ އަތުން ހޯދުމަށެވެ. އެކަމާ ގުޅިގެން އެރަށު ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ މީހުން ދޭންޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ފައިސާއަކީ އެ ދެ މީހުން ޒިންމާވާން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ނިންމައި, އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ އަގަށްވާ 124,000ރ. އާއި ވަކީލު ފީއަށް 2,500ރ. އެ ދެ މީހުން އެއް މަސް ތެރޭގައި ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ފައިސާ ދައްކަން ޖެހެނީ ދެ މީހުން ބަހާލައިގެންނެވެ. އެހެންވެ, އެއިން ކޮންމެ މީހަކު 63,000ރ. ދައްކަން ޖެހޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!