ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް އިނާޔަތް ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

ދުންފަތާއި ދެކޮޅަށް މި ސަރުކާރުން މިހާތަނަށް ވެސް ވަނީ ފާހަގަ ކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އަޅާފައިވާ ފާހަގަކޮށްލެވޭ އަދި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު އުމުރުގައި އެ ބޭނުން ކުރަން ފަށާ އާބާދީ އިންތިހާއަށް އިތުރުވަމުން އައުމާއި އަދި އޭގެ ނުރައްކާ މުޖުތަމައުގައި ބޮޑުވެފައިވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ދުންފަތާއި ދެކޮޅަށް ވެސް މި ސަރުކާރުން ވަނީ ހަރުކަށި ގަވައިދުތަކެއް ހަދައި އެޔަށް އަމަލުކުރަން ވެސް ފަށާފައެވެ. ނަމަވެސް ދުންފަތާއި ދެކޮޅަށް ހަދާފައިވާ ގާނޫނާއި ގަވައިދުތައް އެންމެ އެދެވޭ މިންވަރުގައި ތަންފީޒުކުރެވެމުން ނުދެއެވެ. އެގޮތުން، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކި ސިނގިރޭޓް ވިއްކުމަކީ ގަވާއިދުން މަނާ ކޮށްފައިވާ ކަންކަން ކަމަށް ވީނަމަވެސް އެކަންކަން ފާޅުގައި އަދިވެސް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.