2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް އިއްޔެ އަންގަވައިފިއެވެ.
މިކަން ބަޔާންކުރައްވައި ރައީސް މުޢިއްޒު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން އަންނަނިވި ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.
- ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަޙުޤީޤަށް ބޭނުންވާނެ ހެކި، ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން.
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.
އެހެންކަމުން، ރިޔާސީ ކޮމިޝަނުން މި ރިޕޯޓުގައި ދިވެހި ފުލުހުންގެ ޚިދުމަތާގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށް ޓަކައި، އަންނަނިވި ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ އަންގަވާފައެވެ.
- ފުލުހުންގެ އެސް.އޯ.ޕީތައް މުރާޖަޢާކޮށް އަދާހަމަކުރުން.
- މުވައްޒަފުން އަހުލުވެރިކޮށް، އެކަށީގެންވާ ތަމްރީނު ދިނުން.
- މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުން.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް އަދި އޭނާގެ ބޭބެ ދާއޫދު އަޙްމަދާ ގުޅޭގޮތުން އަންނަނިވި ކަންކަން ފާހަގަކުރައްވާފަވެއެވެ.
- 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ރައުދު އަޙްމަދު ޛިލާލް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭކަން.
- ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ކޮމިޝަނަށް ފާހަގަކުރެވޭކަން.
މި ކަންކަމާ ގުޅިގެން، ރިޔާސީ ކޮމިޝަނުގެ ނިންމެވުމާ އެއްގޮތަށް އަންނަނިވި ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ އަންގަވާފައެވެ.
- ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން އިތުރަށް ތަޙުޤީޤުކުރުން.
ޞިއްޙީ ވުޒާރާއަށް އެންގެވި އެންގެވުމުގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރައްވާފަވެއެވެ.
- ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާކަން.
- އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ ޢާއިލާއިން އެދިއްޖެ ނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަކަން.
އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް.އަށް ގެންދެވޭއިރު، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް:
- އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނެގުން.
- ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަން.
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރެއްވި މި ކަންކަމާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުއްވުމަށް ޞިއްޙީ ވުޒާރާއަށް ރައީސް ވަނީ އަންގަވާފައެވެ.
- އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީތައް މުރާޖަޢާކޮށް އަދާހަމަކުރުން.
- އެފް.ޕީ.ޔޫ.ގެ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުން.
- އައި.ޖީ.އެމް.އެޗް.ގެ ކުއްލި ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަނިޔާ ލިބިފައިވާ މީހުންނާމެދު ޢަމަލުކުރަންވީ ގޮތުގެ ތަމްރީނު ދިނުން.
އެފް.ޕީ.ޔޫ.ގެ އިދާރީ އޮނިގަނޑު މުރޑު މުރާޖަޢާކޮށް، އެ ޔުނިޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން.
މި ފިޔަވަޅުތައް އެޅުމުގެ މަޤްޞަދަކީ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ފަރުވާ ފޯރުކޮށްދިނުމާއި، ކަމާގުޅޭ އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ފިޔަވަޅުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރުމަށް ރައީސް މުޢިއްޒު އަންގަވާފައިވާކަން ފާހަގަކުރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!