އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ.

އައިއޭއީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

Ad
rt

މިގޮތުން ނިއު ޔޯކްގައި ބޭއްވުނު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ، ވިދާޅުވި ގޮތުގައި، އެ ފެސިލިޓީގެ ބޭރުގައި ރޭޑިއޭޝަންގެ މިންވަރު އާންމު ހާލަތުގައި ހުރި ނަމަވެސް، އެ ފެސިލިޓީގެ އެތެރޭގައި ރޭޑިއޮލޮޖިކަލް އަދި ކެމިކަލް ތަޣައްޔަރުވުން ވަނީ ފެތުރިފައެވެ.

މީގެ އިތުރުން އެ ފެސިލިޓީގެ އެކި ސަރަޙައްދުތަކުގައި ޔުރޭނިއަމް އައިސޮޓޯޕްތައް ފެތުރިފައި ހުރުމުގެ އިޙްތިމާލު އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރޭޑިއޭޝަން މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ އަލްފާ ޕާޓިކަލްސްގެ މައްޗަށް، މިއީ ނޭވާލުމުން ނުވަތަ ހަޖަމުވުމުން ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ މާއްދާއެއް، ނަމަވެސް، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ނުރައްކާ އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިދާނެ" ގްރޮސީ އިތުރަށް ވިދާޅުވެފަވެއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ ފެސިލިޓީގެ އެތެރޭގައި ކެމިކަލްތަކުގެ ވިހަ ފެތުރިފައި ހުރުމެވެ.