ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީގެ ދަރިވަރު މަޙްމޫދު ޚަލީލް ދޫކޮށްލުމަށް އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ.
މަޙްމޫދު ޚަލީލަކީ އެމެރިކާގެ ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވަރސިޓީގައި ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން މާރިޗު މަހުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީތަކުން ހައްޔަރުކޮށްފައިވާ މީހެކެވެ.
ނިއު ޖާރސީގެ ފެޑެރަލް ކޯޓުގެ ފަނޑީޔާރު މި އަމުރުކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އެއީ ޚަލީލްގެ ވަކީލުން އޭނާ ހައްޔަރުކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދައި މައްސަލަ ވައްދާފައިވާ ކޯޓެވެ. މި އަމުރަކީ އޭނާ އަނބުރާ ފޮނުވާލުމާ ދެކޮޅަށް ކުރެވޭ ޤާނޫނީ މަސައްކަތާ ވަކިން ނިންމާފައިވާ ނިންމުމެކެވެ.
މިއަމުރާއެކު ޤާނޫނީ ދާއިމީ ރެސިޑެންޓެއް ކަމުގައިވާ ޚަލީލް ވަގުތުން ދޫކޮށްލާނެކަން ސާފެއް ނޫނެވެ. އޭނާއަކީ ދަރިވަރުންގެ މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހައްޔަރުކޮށް، ޤާނޫނީ އިމިގްރޭޝަން ސްޓޭޓަސް ބާޠިލުކޮށްފައިވާކަން އެންގި ފުރަތަމަ އެކްޓިވިސްޓެވެ.
ޚަލީލްގެ މައްސަލައަށް ޤައުމީ ސަމާލުކަން ލިބިފައިވާއިރު، ޚާއްޞަކޮށް އޭޕްރީލް މަހު އޭނާގެ ފުރަތަމަ ދަރިފުޅު އުފަންވިއިރު އެތަނަށް ދިޔުމުގެ ފުރުސަތު އޭނާއަށް ދީފައިނުވާތީ އޭނާ އަށް ލިބުނު ސަމާލުކަން ވަނީ ބޮޑުވެފައެވެ.
ޚަލީލްގެ މައްޗަށް އެއްވެސް ކުށެއްގެ ދަޢުވާއެއް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އެ ޤައުމުގައި ވަރަށް މަދުން ބޭނުންކުރާ އިމިގްރޭޝަން ޤާނޫނެއްގެ މާއްދާއެއް ބޭނުންކޮށްފައެވެ. އެ މާއްދާއިން އެމެރިކާގެ ޚާރިޖީ ސިޔާސަތަށް "ފަހަރެއްގައި ނުރައްކާތެރި ނޭދެވޭ އަސަރެއް" ކޮށްފާނެ ކަމަށް ބެލެވޭ ބިދޭސީން އަނބުރާ ފޮނުވާލުމަށް އަމުރުކުރުމަށް އޭނާ އަށް ބާރުލިބިދެއެވެ.
ވަކާލާތުކުރާ ފަރާތްތަކުން ބުނެފައިވަނީ މި ފިޔަވަޅު އެޅުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށްދޭ އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިޞްލާޙާ ޚިލާފު ކަމެއް ކަމަށެވެ. އަނބުރާ ފޮނުވާލުމާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ދަރިވަރުންނަށް ދިނުމުގެ ބަދަލުގައި، އިމިގްރޭޝަން އޮތޯރިޓީގެ އޮފިސަރުން ބައެއް ފަހަރު މޫނު ނިވާކޮށްގެން އަދި އާންމު ހެދުމުގައި ފޮނުވައިގެން ދަރިވަރުން ހައްޔަރުކުރުމުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ޓްރަމްޕްގެ ސަރުކާރުން އަނބުރާ ފޮނުވާލަން މަސައްކަތްކުރާ އެހެން އެތައް ދަރިވަރުންނެއް ދޫކޮށްލުމަށް ފެޑެރަލް ކޯޓުތަކުން އަމުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޓަފްޓްސް ޔުނިވަރސިޓީގެ ތުރުކީ ދަރިވަރު ރުމެއިސާ އޮޒްތުރުކް އަދި ކޮލަމްބިއާގެ މުޙްސިން މަހްދަވީއެވެ.
އޮޒްތުރުކް ހައްޔަރުކޮށްފައިވަނީ އޭނާގެ ސްކޫލުގައި ފަލަސްތީނީންނާ ދެކޮޅަށް އިސްރާއީލުން ކުރާ އަނިޔާތަކުގައި ބައިވެރިވާ ކުންފުނިތަކުން އިންވެސްޓްމަންޓް ނެގުމަށް ދަރިވަރުންގެ ސަރުކާރުން ގޮވާލާފައިވާ ގޮވާލުމަށް ތަބާވުމަށް އެދި ލިޔެފައިވާ މަޒުމޫނެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!