ކައުންސިލް އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރަން ފަސޭހަކޮށްދީފިއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށް ފަސޭހަގޮތެއް ހަމަޖައްސައިދިންކަން ހާމަކުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައެވެ.
އެ އިއުލާންގައި ބުނެފައިވަނީ ދަށުކޯޓުތަކުން ސާފުކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ހަފްތާގެ ކޮންމެ ދުވަހަކު އެ އެޑްމިނިސްޓްރޭޝަނުން ކުރާނެ ކަމަށެވެ.
ޑީޖޭއޭއިން ބުނެފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް އެ ހިދުމަތް ލިބެން ހުންނާނީ ހެނދުނު 8:00 އިން ހަވީރު 4:30 އަށް ކަމަށާއި، ހުކުރު ދުވަހު 2:30 އިން ހަވީރު 5:00 އަށް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އެ ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:30 އަށްކަމަށް ޑީޖޭއޭއިން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާއިރު އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!