ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަނބުރާ އަތުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

Ad
rt

ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަހަރެއްކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޙައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކުރިއެވެ. މީގެ އިތުރުން، މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މަތިކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިން އެނބުރި ރާއްޖެ އައުމާއި ގުޅިގެން ވިސްނުން ބަހައްޓަންވީ ގޮތުގެ އިރުޝާދު ދީފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލްގައި ވަނީ ޤާއިމްކޮށްފައެވެ.

ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއިން ފުރީ މެއި 26 ވަނަ ދުވަހުއެވެ. މިއަހަރު ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ.