ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 50 ބައިވެރިންނަށެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ، އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތިން މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ. ކޯސް ކުރިއަށް ގެންދާނީ ޤުރުއާނާއި ބެހޭ މަރުކަޒުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސަރުތުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލަރެއްކަމުގައިވުމާއި ފިރިހެނެއްކަމުގައިވުމާއި އަދި ކޯހަށް ހޮވުމަށް ބަލައި މިންގަނޑުތަކުގެ ތެރޭގައި ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި މީގެ އިތުރުން ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމަށް ބަލާނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެކުރިން އެކަމަށްޓަކައި ހާއްސަ ކޮށްފައިވާ ގޫގަލް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހެއެވެ. މި ކޯހަށް ބައިވެރިން ހޮވުމަށް ބާއްވާ އިންޓަވިއު ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.
ކައުންސިލަރުންނަށް ކުރިއަށް ގެންދާ ހަތީބުކަމުގެ ތަމްރީނު ޕްރޮގްރާމްއަކީ އަތޮޅުތަކުގައި ހުޠުބާ ކިއުމަށް ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައި، ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރެއިން އެކަމަށް ޝައުގުހުރި ފަރާތްތަކަށް ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!