ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެން ސިޔާސީ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިފި އެވެ.

ފަހަކަށް އައިސް ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ދުރުގައި ހުންނެވުމަށްފަހު، އެމަނިކުފާނުގެ ފުރަތަމަ ފެނިލުން ފެނިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމާ އެކުގައެވެ.

Ad
rt

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން، ރާއްޖޭން ބޭރުގައި މި ވަގުތު ދިރިއުޅުއްވާ ނަޝީދު، ފައްޔާޒްއާ ބައްދަލުކުރެއްވި އިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ޚިޔާލު ވަނީ މީގެ ކުރިން ހޯއްދަވައިފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،"

ފައްޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ އާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި މިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، އެމްޑީޕީގެ އެހެން އިސް ބޭފުޅަކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ނަޝީދާއި ފައްޔާޒްއަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެމްޑީޕީގެ އެކި މަސައްކަތްތައް އެކުގައި ކުރެއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕާޓީގެ އެތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ހީނަރުވެގެން ދިޔައެވެ. އޭގެ ފަހުން ނަޝީދު އެމްޑީޕީ ދޫކުރައްވައި، އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅުންނާއެކު ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. އެއަށް ފަހު އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ މަސައްކަތް ފެއްޓެވިއެވެ.

މީގެ ކުރިން ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި ސޯލިހް ވަނީ ނަޝީދަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެހެންނަމަވެސް، ނަޝީދު ވިދާޅުވަމުން ގެންދެވީ އެ އިންތިހާބުގައި ބޮޑެތި މަކަރުތަކެއް ހެދިފައިވާ ކަމަށާއި، އެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު އެވެ.

މި ކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވަނީ "ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ" ކަމަށެވެ.

މިހާރު ނަޝީދު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެމަނިކުފާނު ސީދާ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވެވަޑައިނުގަންނަވާ ނަމަވެސް، 2025 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތްތަކާ މުޅިން ދުރުގައި ނޫޅުއްވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުވެގެން އައިއިރު، އެންމެ ކުރީ ސަފުގައި ހިމެނުނު ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ ހިމެނެއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ނަޝީދު، ޕާޓީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ނަޝީދުގެ ލީޑަރޝިޕްގެ ދަށުން އުފެއްދެވީ "ދަ ޑިމޮކްރެޓްސް" މި ނަމުގައި އައު ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ ފަރާތުން ފާއިތުވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަށް 15،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން، ނަޝީދު ވަނީ ސިޔާސީ މައިދާނުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެން ގާނާއަށް ވަޒަންވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް، ފަހުން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްއިން އެމްޑީޕީއާ އެއްބައިވުމަށް ތާއީދުކުރައްވާ ކަމަށް "އެކްސް" މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގައި ވެސް ސިޔާސީ މަސައްކަތްތަކެއް އަމަލީގޮތުން ނުކުރައްވާ ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.