ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ސައިޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން، ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރެއިން ކަމަށާއި، އަނެއްބައި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުން ކަމަށް ފުލުހުން ބުނެއެވެ. ހޯދުނު ތަކެތީގެ ތެރޭގައި 1000 މީޓަރުގެ ޑީސީ ކޭބަލް، ކަޓްއޯފް، ވެލްޑިންގ ޕްލާންޓް، ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތައް ހިމެނެއެވެ.
ނަމަވެސް، ވަގަށް ނެގި ތަކެތީގެ ތެރެއިން އިލެކްޓްރިކް އިމްޕެކްޓް ޑްރިލް އަދިވެސް ވަނީ ނުފެނިއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލައިގެ ތަޙުޤީޤު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!