ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފިއެވެ.
ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށާފައިވާކަން މިއަދު ޢިއުލާންކޮށްފައެވެ.
މިކަން ޢިއުލާންކުރެއްވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ނާޡިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ފަރުވާގެ ނިޒާމް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ލިބޭނެ ނިޒާމެއް ހަރުދަނާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކުރެވިފައިވާކަން ހާމަކުރަށްވައި ވަޒީރު ވިދާޅުވީ، މި އައު ޑިޖިޓަލް ނިޒާމުގެ ތެރެއިން ކޮންމެ މަހަކު ލޭ އަޅާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭ ގޮތުގެ ހެލްތު ރެކޯޑްސް އެއްކުރެވޭނެ ކަމަށެވެ.
މިގޮތުން، ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ޙާލަތްތަކާއި، ސަރަޙައްދުތައް ދެނެގަނެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޢުލޫމާތުގެ އެހީގައި ދިރާސާތައް ކުރެވި، އެ ދިރާސާގެ އަލީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އައު ޑިޖިޓަލް ނިޒާމަކީ ރާއްޖޭގެ ލޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!