އީރާނުގެ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑަށް އިސްރާއީލުން މިރޭ ދިން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ހަކަތައިގެ ދާއިރާއަށް ވަރަށް މުހިންމު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް މިރޭ އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑްގައި އިސްރާއީލުން ހަމަލާދިނުމާއި ގުޅިގެން އަލިފާން ރޯވި ކަމަށެވެ.

Ad
rt

އިސްރާއީލުގެ ހަމަލާތަކަށްފަހު ގޭސް ރިފައިނަރީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާކަމަށް ވެސް ތެލުގެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"މި ހާދިސާ ހިނގުމާއެކު، ތެލުގެ ސިނާއަތުގެ އޮޕަރޭޝަނަލް ބާރުތައް އަވަހަށް އަދި ވަގުތުން އެތަނަށްގޮސް އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށި، އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނު،" އީރާނުގެ ތެލުގެ މިނިސްޓްރީގެ ބަޔާނަކާއި ހަވާލާދީ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފަވެއެވެ.

އީރާނުގެ ސައުތު ޕާރސް ގޭސް ފީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑެވެ. މިއީ އީރާނާއި ޤަތަރު ހިއްސާކުރާ ފީލްޑެކެވެ. ޤަތަރުގައި މި ފީލްޑްއަށް ކިޔަނީ ނޯތު ފީލްޑް އެވެ. މި ފީލްޑުން ދުވާލަކު 700 މިލިއަން ކިއުބިކް މީޓަރު (24,720 ކިއުބިކް ފޫޓު) އަށްވުރެ ގިނައިން ގޭސް އުފައްދައެވެ. މިއީ އީރާނުގެ މުޅި ގުދުރަތީ ގޭސް އުފެއްދުމުގެ ގާތްގަނޑަކަށް 65-70 އިންސައްތައެވެ. މި ފީލްޑަކީ އީރާނުގެ އެތެރޭގެ ބޭނުންތަކަށާއި، ޕެޓްރޯކެމިކަލް އިންޑަސްޓްރީއަށާއި، ގޭސް އެކްސްޕޯޓު ކުރުމަށް ވަރަށް މުހިންމު ފީލްޑެކެވެ.

އީރާނުގެ އެހެން މުހިންމު ގޭސް ފީލްޑްތަކުގެ ތެރޭގައި ނޯތު ޕާރސް، ކިޝް އަދި ކަންގަން ހިމެނެއެވެ. ނަމަވެސް، މިއިން އެއްވެސް ފީލްޑެއް ސައިޒުގެ ގޮތުންނާއި އުފެއްދުމުގެ ގޮތުން ސައުތު ޕާރސްއާ އެއްވަރެއް ނޫނެވެ.