އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ދެވަނަ ރާޅަށްފަހު، އިސްރާއީލަށް އަދަބު ދިނުމަކީ އީރާންގެ ޤައުމީ ޢިއްޒަތް އަލުން ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އީރާނުން ބުނެފިއެވެ.

ރައްދު ހަމަލާގެ ދެވަނަ ރާޅުގެ ގޮތުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށްފަހު އީރާނު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވިދާޅުވެފައިވަނީ ޒަޔޮނިސްޓް ވެރިކަމުގެ ޓެރަރިސްޓު އަދި އަނިޔާވެރި ޢަމަލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އަދަބު ދިނުމުގެ ފިޔަވަޅުތަކެއް އެޅުމަކީ އީރާންގެ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށެވެ.

Ad
rt

''އިސްރާއީލަށް އަދަބު ދިނުމަކީ އަޅުގަނޑުމެންގެ ޤައުމީ ޢިއްޒަތު އަލުން ޤާއިމުކުރުމަށާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް، ޒަޔޮނިސްޓް ވެރިކަމުގެ ޓެރަރިސްޓު އަދި އަނިޔާވެރި ޢަމަލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އަދަބު ދިނުމުގެ ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް" މުހާޖަރާނީ މެހްރު ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

"އެހެންކަމުން، ކޮމާންޑް އިން ޗީފްގެ އަމުރުފުޅަށް ތަބާވެ، ހަތިޔާރުއެޅި ބާރުތަކާއެކު އޮޕަރޭޝަން ވިލަރެސްކޮށް، އިސްރާއީލުގެ ވެރިކަމަށް އަދަބު ދިނުމުގެ ފިޔަވަޅެއް ވަނީ އަޅާފައި. ޠަބީޢީ ގޮތެއްގައި، މިފަދަ ފިޔަވަޅުތައް ކުރިއަށް ގެންދެވޭނެ، އަދި ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަދި ކޮންމެ ތަނެއްގައި މިކަން ދެމިގެންދާނެ" އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.

އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް ބޮޑު ހަމަލާއެއް ދީ، އިސް ޖެނެރަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުކުރި ދުވަހެއްގެ ފަހުން އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައިވެއެވެ. އީރާނުގެ މިސައިލްތައް އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް، މަދުވެގެން 3 މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވާކަމަށް ވަނީ ރިޕޯޓުތައް ބުނެފައެވެ. އެއީ އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އީރާންގެ ޝަހަރުތަކާއި، އަސްކަރީ މަރުކަޒުތަކާއި، ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާ ދެމުންދާއިރު، އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ އިސްރާއީލުން މަދުވެގެން އީރާންގެ 78 މީހުން ޝަހީދުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި 320 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ ޢަލީ ޚާމެނެއީ އިސްރާއީލަށް އިންޒާރު ދެއްވައި ވިދާޅުވެފައި ވަނީ އީރާނަށް ހަމަލާދީ، އެތައް އިސް އަސްކަރީ ވެރިންނަކާއި 6 ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުކޮށްލުމުގެ "ކުށުގެ" ސަބަބުން "ހަރުކަށި އަދަބެއް" ލިބޭނެކަމުގެ އިސްރާއީލުން "އުންމީދު ކުރަންޖެހޭނެ" ކަމަށެވެ.