ހއ. ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން، ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ސާންތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އަހަރުން މަތީގެ އަންހެނުންނަށެވެ.
އެރަށު ކޮމިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބައިވެރިން ހަމަވާނަމައެވެ. އަދި ޕްރޮގްރާމްގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ކޮމިޓީގެ މެންބަރުންނެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޖޫން މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރު (7930016) އަށް މެސެޖް ކުރައްވައިގެން ރަޖިސްޓްރީ ކުރެވިދާނެއެވެ. ވައިބަރ މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، އުމުރު އަދި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ.
މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!