ޕިއު ރިސާރޗް ސެންޓަރުން އާންމުކުރި އައު ދިރާސާއެއްގައި ދައްކާގޮތުން، މުޅި ދުނިޔޭގައި އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދަނީ އިސްލާމްދީނެވެ.

މި ދިރާސާއަކީ 2010 އިން 2020 އަށް ދުނިޔޭގެ އެކި ދީންތަކުގެ އާބާދީއަށް އައި ބަދަލުތައް ދައްކުވައިދޭ ދެވަނަ ރިޕޯޓެވެ.

Ad
rt

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، މުސްލިމުންގެ އާބާދީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 347 މިލިއަނުން އިތުރުވެފައިވެއެވެ.

މި އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ޕިއު ރިސާރޗް ސެންޓަރުގެ ސީނިއަރ ޑިމޮގްރާފަރ ކޮންރަޑް ހެކެޓް ފާހަގަކުރައްވަނީ މުސްލިމުންގެ މެދުގައި އުފަންވާ ކުދިންގެ އަދަދު މަރުވާ މީހުންގެ އަދަދަށްވުރެ މަތިވުމެވެ. އަދި އިސްލާމްދީން ދޫކޮށްލާ މީހުންގެ އަދަދު ވަރަށް މަދުކަމަށް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ސަރަހައްދުގައި މުސްލިމުންގެ އާބާދީ 94.2% އަށް އަރާއިރު، ސަބް-ސަހާރާ އެފްރިކާގައި 33% އެވެ. އެންމެ ގިނަ މުސްލިމުން ދިރިއުޅޭ އޭޝިއާ ޕެސިފިކް ސަރަހައްދުގައި 2010 އިން 2020 އަށް މުސްލިމުންގެ އަދަދު 16.2% އިން އިތުރުވެފައިވެއެވެ.

މި ދިރާސާއިން ފާހަގަކުރެވޭ އަނެއް ކަމަކީ، އެއްވެސް ދީނަކަށް ނިސްބަތްނުވާ މީހުންގެ އަދަދު 24.2% އަށް އަރާކަމެވެ. މިއީ ކްރިސްޓިއަނުންނާއި މުސްލިމުންގެ ފަހަތުން އަންނަ އެންމެ ބޮޑު ގްރޫޕެވެ. މި ގްރޫޕްގެ 78% މީހުން ދިރިއުޅެނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައެވެ. ޔޫރަޕް، އުތުރު އެމެރިކާ، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގައި ކްރިސްޓިއަން ދީނުގައި ބޮޑުވި ގިނަ މީހުން މިހާރު އެއްވެސް ދީނަކަށް ނިސްބަތްނުވާކަމަށް ބުނާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީ 2 ބިލިއަނަށްވުރެ އިތުރެވެ.