1446 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މި މަހުގެ 13 ވާ ހުކުރު ދުވަހު ރާއްޖެ އަންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންދިން މަޢުލޫމާތުގައިވާ ގޮތުން، ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފްލައިޓް އަންނަ ހުކުރު ދުވަހު އައުމަށްފަހު، ދެވަނަ ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހު ހޮނިހިރު ދުވަހުއެވެ. ތިންވަނަ ފްލައިޓް އަންނާނީ ޖުލައި 16 ވަނަ ދުވަހު ހޯމަ ދުވަހު އަދި އެންމެ ފަހު ފްލައިޓް އަންނާނީ ޖުލައި 17 ވަނަ ދުވަހު އަންގާރަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ހައްޖުވެރިން ބަލާ އެއާޕޯޓަށްދާއިރު ކުޑަކުދިން ނުގެންދިޔުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
މިއަދު ވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މައްކާއިން މަދީނާއަށް ފުރާފައެވެ. ޙައްޖުވެރިން މަދީނާގައި ހޭދަކުރުމަށްފަހު ރާއްޖެއަށް އެނބުރި އަންނާނެއެވެ.
މިއަހަރު ވަނީ ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ފަސޭހަ ޚިދުމަތްތައް ލިބިދީފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަ ކުރުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނުމަށް ނިންމާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުފުޅާއެކު، ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށްގެންނެވެ.
މީގެ އިތުރުން ދިވެހި ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ލިބިދިނުމާއި، މައްކާއިން މަދީނާ އަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ހަމަޖެއްސުމާއި އަދި މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ދިވެހި ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއްގެ ޚިދުމަތް ދިނުންފަދަ އައު ލުއިފަސޭހަ ޚިދުމަތްތައް މި އަހަރު ވަނީ ތަޢާރުފްކޮށްފައެވެ.
ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއިން ފުރީ މެއި 26 ވަނަ ދުވަހުއެވެ. މިއަހަރު ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!