މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

Ad
rt

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދެއްވި މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒލްޢަޒީޒް އަށާއި ވަލީޢަހްދަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑޮކްޓަރ ތައުފީޤު ބިން ފައުޒާން އައްރަބީޢާ ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސް ވަޒީރުންނާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ ދެކަނބަލުންނާއި، ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބެވީ ސަޢޫދީ ސަރުކާރުގެ ޚާއްސަ މެހްމާންދާރީގައެވެ.