ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުށި ޕްރޮމޯޓްކުރުމަށް އެ ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުން ފަށައިފިއެވެ.

އެގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި، މިކަހަލަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، ހޯރަފުއްޓަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާތީ ކަމަށެވެ.

Ad
rt

މި މަޤުސަދުގައި ހޯރަފުށީ ކައުންސިލުން އެންމެ ފުރަތަމަ ފޮޓޯ ޕޮއިންޓް ޤާއިމްކޮށްފައިވަނީ ރަށުގެ ބަނދަރު ފެރީ ޓާމިނަލްގައި ކައިރީގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހޯރަފުށީ ރަށްވެހި ބީޗްގައާއި، މާބުރު ސަރަހައްދު އަދި ހޯރަފުށީ އެއާޕޯޓުގެ އިތުރުން ރަށް މެދަށް ވާހެންވެސް މިކަހަލަ ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރެވޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ ރަށަށް ޒިޔާރަތް ކުރާ، ޕޮޓޯ ނަގާ މީހުންނަށް މި ފޮޓޯ ޕޮއިންޓް ޤާއިމްކުރުމުގެ ކުރިން ރަށުގެ ނަން އަރާނެހެން ރަށް ރަމްޒުކޮށްދޭނެ ޕޮއިންޓް އެއް ޤާއިމްކުރެވިފައި ނެތުމުން އިސްތިހާރުކުރާނެ ގޮތެއް ނެތް ކަމުގައެވެ. އެހެންކަމުން މި މަޝްރޫޢު އަކީ ރަށަށް އަރާ ފައިވާ ދަތުރުވެރިންނަށް ހޯރަފުށި އިސްތިހާރުކުރުމަށް ލިބިގެންދާނެ ފަހި ފުރުސަތެއްކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މި ފޮޓޯ ޕޮއިންޓް ޤާއިމްކުރުމަށް މިކަމުގެ އަމަލީ މަސައްކަތްތައް ކޮށްފައިވަނީ ހޯރަފުށީ ކައުންސިލްގެ މުވައްޒަފުންނާއި، ވެލްޑިންގ މަސައްކަތާއި މަސައްކަތްތެރިކަމުގެ ހުނަރުވެރި ރަށުގެ ރައްޔިތެއް ކަމައްވާ ހުދުރުވާގެ، އިބްރާހީމް ރަޝީދެވެ.

މި ފޮޓޯ ޕޮއިންޓްގައި ރަށުގެ ނަން ރޭގަނޑަށް ދިއްލޭނޭހެން ފަރުމާކޮށްފައިވާއިރު، ގަޑިއެއްގެ ބުރުތެރޭ ހޯރަ އެއް ފެންނާނެހެން ވަނީ ފަރުމާކޮށްފައެވެ.

ހޯރަފުއްޓަކީ ބޮޑުތިލަދުންމައްޗައް ބަލާނަމަ ޒަމާނީ ފެންވަރަށް ތަރައްޤީގެ އެއް ރަށެވެ. ޗުއްޓީ ހޭދަކޮށްލަން ގިނަ މީހުން ހޯރަފުށި އިޙްތިޔާރު ކުރާއިރު މިފަދަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ޤާއިމްކުރެވުމަކީ ރަށަށް އިތުރަށް ޕްރޮމޯޓްކުރުމަށް ލިބޭ ފުރުސަތެކެވެ.