އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކިޑްނީ ބަލިމީހުންނަށް ގިނަ ސަރަހައްދުތަކުން ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސް ޑރ. މުޢިއްޒު ގެ އަރިހުގައި އެދިފައިވާ ކަމަށެވެ.

Ad
rt

"ރައްޔިތުންގެ އެދުމާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ޑައިލިސިސް ސެންޓަރެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި. ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި މި ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލުކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ ފަސް އަތޮޅެއްގައެވެ. އެއީ، އަރިއަތޮޅު އުތުރުބުރި (އއ.)، އަރިއަތޮޅު ދެކުނުބުރި (އދ.)، ފެލިދެއަތޮޅު (ވ.)، ނިލަންދެއަތޮޅު އުތުރުބުރި (ފ.) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ.) އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ފަށަން ނިންމާފައި ވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ވެސް ސަރުކާރުން ވަނީ ދާދި ފަހުން ހަވާލުކޮށްފައެވެ. މި މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު މެޑްޓެކްއާ ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.