ކުޅުދުއްފުށީ ސިޓީގެ ކުޅިތަކާއި ޗަސްބިންތައް ސިޓީ ކައުންސިލުން ހިމާޔަތްކޮށްފިއެވެ.
ކައުންސިލުން ނިންމާފައިވާ ގޮތުގައި، މަށިކުޅި، ބޮޑަވަކިފާ، މާފަލު ފެންގަނޑުގެ އިތުރުން އެއަރޕޯޓްގެ އުތުރުން އޮންނަ ކުޅި ހިމެނޭ ގޮތަށް 4 ސަރަހައްދެއް ވަނީ ކައުންސިލް ލެވެލްގައި ހިމާޔަތްކުރެވިފައެވެ.
މި ނިންމުމަކީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދީ ވިދާޅުވެފައިވަނީ، މި ސަރަހައްދުތައް ހިމާޔަތްކުރެވިފައިވަނީ "ފިނިފެހިސިޓީ" އިނީޝިއޭޓިވްގެ ދަށުން، އަންނަން އޮތް ޖީލުތަކަށާއި ރަށުގެ ގުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ ސިިޓީ ކައުންސިލްގެ ހަތަރު ވަނަ ދައިުރުގެ 204 ވަނަ އާންމު ބައްދަލުވުމުގައި މި ސަރަހައްދުތައް ހިމާޔަތްކުރެވިފައިވާ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2018/R-78) ގެ 6 ވަނަ މާއްދާގެ 7 ވަނަ ގިންތީގެ ދަށުންނެވެ. އަދި މި ގިންތީގެ ދަށުން ހިމާޔަތްކުރެވޭ ސަރަހައްދުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ސަރަހައްދުތަކެކެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ، މި މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާ ގުޅިގެން މި ސަރަހައްދުތައް ގާނޫނީ ގޮތުން ނޭޝަނަލް ލެވެލްގައި ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކައުންސިލުން ދަނީ ކުރަމުންކަމަށެވެ.
އެގޮތުން ސިޓީ ކައުންސިލުން ކުރިން ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއްވެސް ހިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ. މި ގަސްތަކުގެ ތަރޭގައި ހިމެނޭ ގަސްތަކަކީ 5 ނިކަ ގަހާއި 3 ކަނދިގަހެވެ.
މި ނިންމުމަކީ ކުޅުދުއްފުށީގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!