ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖު ދަތުރުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

Ad
rt

މިގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު ތިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ އަހަރުތަކެއް ކުރިން ޙައްޖަށްދާ މީހުން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި ޢާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބިފައިވޭ. އެއީ ޙައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ," ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މިއަހަރު ޙައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތަށް އަދި މޫސުމަށް ބަލައި ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުންނެވެ. އަދި މިއީ ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއްކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

"ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން އަރުވަން," ޝަހީމް ވިދާޅުވެފައެވެ.