އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އިސްވެ ހުށަހަޅާފައިވާ އައު ހުށަހެޅުމާމެދު ''އެއްވެސް ޔަގީންކަމެއް ނެތް'' ކަމަށް ފަލަސްތީނުގެ ޖަމާޢަތް ހަމާސްއިން ބުނެފިއެވެ.
މި ހުށަހެޅުމާއި ގުޅޭގޮތުން ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ ބާސެމް ނައިމް ހޮނިހުރި ދުވަހު ''އަލް ޖަޒީރާ'' އަށް ބުނެފައިވަނީ ހުށަހެޅިފައިވާ އެއްބަސްވުމުގައި "ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް" ކަމަށެވެ.
އޭނާ ބުނެފައިވަނީ މެދުއިރުމައްޗަށް ކަނޑައަޅާފައިވާ އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް މެދުވެރިކޮށް ފޮނުވާފައިވާ އެންމެ ފަހުގެ ހުށަހެޅުމަށް ހަމާސްއިން "އެކަށީގެންވާ ގޮތެއްގައި ޖަވާބުދީފައިވާ" ކަމަށެވެ. ނަމަވެސް އެއީ އޭގެ ހަފްތާއެއް ކުރިން ވިޓްކޮފްއާއެކު އެއްބަސްވެފައިވާ ހުށަހެޅުމާ ތަފާތު ހުށަހެޅުމެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ.
"އެއް ހަފްތާއެއް ކުރިން އަޅުގަނޑުމެން މިސްޓަރ ވިޓްކޮފްއާއެކު އެއް ހުށަހެޅުމަކަށް އެއްބަސްވެ، މިއީ ގަބޫލުކުރެވޭ އަދި މަޝްވަރާކުރެވިދާނެ ކަރުދާހެއް ކަމަށް ބުނެފައިވާނެ،" ނައިމް ބުނެފައިވެއެވެ.
"އޭނާ އަނެއް ފަރާތަށް، އިޒްރޭލަށް، އެމީހުންގެ ޖަވާބު ހޯދަން ދިޔައީ. އަޅުގަނޑުމެންގެ ހުށަހެޅުމަށް ޖަވާބެއް ގެނައުމުގެ ބަދަލުގައި، އޭނާ އަޅުގަނޑުމެންނަށް ގެނެސްދިނީ އައު ހުށަހެޅުމެއް... އެއީ އަޅުގަނޑުމެން އެއްބަސްވެފައިވާ އެއްޗަކާ އެއްވެސް ގުޅުމެއް ނެތް އެއްޗެއް." ނައިމް އިތުރަށް ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ހަމާސްއިން ބުނެފައިވަނީ އެ ޖަމާޢަތުން ވިޓްކޮފްއަށް ޖަވާބު ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުމުގެ މަޤްޞަދަކީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް އައުމަކާއި، ޣައްޒާ ސްޓްރިޕްއިން ފުރިހަމައަށް އިސްރާއީލްގެ އަސްކަރީން ފޭބުމަކާއި، ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ޔަގީންކުރުން ކަމަށެވެ.
ހަމާސްއިން އިތުރަށް ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލު 10 މީހުން ދޫކޮށްލާނެ ކަމަށާއި، އަދި މަރުވެފައިވާ އިޒްރޭލުގެ 18 މީހެއްގެ ހަށިގަނޑުތައް ދޫކޮށްލާނެ ކަމަށެވެ. އަދި މިއާ ބަދަލުގައި އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ މީހުން އެއްބަސްވެވިފައިވާ އަދަދަށް ދޫކޮށްލާނެ ކަމަށެވެ.
ހަމާސްގެ ޖަވާބާއި ގުޅިގެން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން ދީފައިވާ ޖަވާބަކީ މުޅިން ޤަބޫލުނުކުރެވޭނެ ޖަވާބެއް ނޫންކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދުވަސްތަކުގައި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހާސިލުކުރެވޭނެ ހަމައެކަނި ގޮތް. މި އެއްބަސްވުމުގެ ދަށުން ދިރިހުރި ރަހީނުންގެ ތެރެއިން ދެބައިކުޅައެއްބައި އަދި މަރުވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅައެއްބައި އެމީހުންގެ ޢާއިލާތަކާ ހަވާލުކުރެވޭނެ. އަދި މި ކައިރި މަޝްވަރާތަކުގައި އަޅުގަނޑުމެންނަށް ދާއިމީ ހަނގުރާމަ ހުއްޓާލުމަކަށް ވާސިލުވުމަށް ހެޔޮ ނިޔަތުގައި މުހިންމު މަޝްވަރާތައް ކުރެވޭނެ." އޭނާ އެކްސްގައި ލިޔުއްވާފަވެއެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 54,381 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 124,054 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވީ މީހުންގެ އަދަދު 61،700 އަށް އަަރައިފައިވާކަމަށް ވަނީ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!